އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއިން ނުވަ މީހަކު ރޭ ހައްޔަރުކުރި ކަމަށާއި، އެ މުޒާހަރާގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ފުލުހަކަށް ހަމަލާދިނުމުން އޭނާގެ ލޯމަތި ފަޅައިގެން ދިޔަ ކަމަށް ފުލުހުން ބުނެފިއެވެ.
ޖަލަށް ލާފައިވާ ”އަދަދު“ ނޫހުގެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ރޭގައި ވަނީ، އިދިކޮޅު އެމްޑީޕީއާ އާއި ޕީއެންއެފް ގުޅިގެން މުޒާހަރާ ކޮށްފައެވެ. އެހެން ރޭތަކާ ހިލާފަށް ފުދޭވަރަކަށް ގިނަ މީހުން ބައިވެރިވި މި މުޒާހަރާ ފަށާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރީ ސަފުގައި ހުންނަވައެވެ.
ދެ ޕާޓީ ވަކިން މުޒާހަރާ ފެށި ނަމަވެސް ވަކި ހިސާބަކުން، މުޒާހަރާގެ ބައިވެރިން އެއްވެ، އެކުގައި އަޑުއުފުލަން ފެށިއިރު، ރޭގެ މުޒާހަރާގައި ފުލުހުންނާއި އާންމުންނާއި ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގާފައެވެ.
އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 9 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 7 ފިރިހެނުންނާއި ދެ އަންހެނުންނެވެ.
މީގެއިތުރުން ފުލުހުން މިއަދު ބުނީ 2026 މެއި 13 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ލޮމަތި ފަޅައިގެންގޮސް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި ފުލުހަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.



2 Comments
އެމްޑީޕީ އަދި ތިއުޅޭ ޔާމީނުގެ ޕީއެންއެފް ވަގުތުން ޖޫރިމަނާކޮއް. އަދަބުދޭންވީ. އާންމުކަމެއް ތީ އެމްޑީޕީން ކުރާ މުޒާހަރާތަކުގަ ފުލުހުންނައް އަނިޔާ ކުރުމަކީ އާންމުކަމެއް. ތީނަސީދު އަޑީގައޮވެގެން ކުރުވިކަމެއް
ނަޝީދުގެ ބޭނުމަކީ އެމްޑީޕީ ގަ ތިބި ޑީއާރޕީ މީހުން ބޭރުކޮށް ޕާޓީހިސޯރުކުރުން. އަދި ޤައުމު ހަލަބޮލިކޮށް ފިތުނަ ފަސާދަ އުފައްދާ ވެރިކަމަށް އައުން. ޔާމިނު ނަޝީދުއާއި ގުޅިގެން މިއުޅެނީ ޓިކެޓް ހިފައިގެން ބޮޑާކަންމަތީ ގޮޅިގަ އޮއްވާ ވެރިކަން ބީވެގެންދިޔަ ހަސަދަގަނޑު ފިލުވާލާ ޤައުމު ފުނޑާލަން