ބަޔޯމެޓްރިކްސް ނެގުމަށް ބިދޭސީން ފޮނުވުމުގެ ކުރިން އެފަރާތަކީ ބަޔޯމެޓްރިކްސް ފުރިހަމަ ނުވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އެ މިނިސްޓްރީން މިކަމަށް އިލްތިމާސް ކޮށްފައިވަނީ، ބަޔޯމެޓްރިކްސް ނެތް ފަރާތްތަކުގެ ބަޔޯމެޓްރިކްސް ނެގުމަށް ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް އެންއައިސީއައިޓީއަށް ގޮސް ގިނައިރުތަކެއްގައި ކިޔުގައި ތިބޭކަމުގެ ކަންބޮވުމާއެކުގައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންވަނީ، ކުރަނގި އޮޕަރޭޝަންގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މިމަސައްކަތުގެ ދަށުން ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ 10 އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން 98 އިންސައްތަ ބިދޭސީންގެ މަޢުލޫމާތާއި އެމީހުންގެ 10 އިނގިލީގެ ނިޝާން ވަނީ ނަގާފައެވެ.
އެކި މަރުޙަލާތަކަށް ބަހާލައިގެން ތަންފީޒުކުރަމުންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހަފުތާގެ ތެރޭގައިވަނީ، 10 އިނގިލީގެ ނިޝާން ނުދޭ ބިދޭސީން ތިބިނަމަ ސިސްޓަމްގެ ތެރެއިން ދެމުންދިޔަ ޚިދުމަތްތައް ސަސްޕެންޑުކޮށްފައެވެ. މިއާއެކު ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ ޙަވާލުގައި ތިބި ގިނަ ޢަދަދެއްގެ ބިދޭސީން ވަނީ، ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާ އެންއައިސީއައިޓީގެ ޢިމާރާތް ކައިރިއަށް ޖަމާވެފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޢަލީ އިހްސާން ވިދާޅުވީ، ބިދޭސީންގެ 9 އިނގިލީގެ ނިޝާން އިންނަމަވެސް ސިސްޓަމުން އެފަރާތްތަކުން ބަޔޯމެޓްރިކްސް ނުނަގާކަމަށް ފްލެގްވާނެ ކަމަށެވެ. އެހާހިސާބުން ޚިދުމަތްތައް މެދުކެނޑޭނެ ކަމަށެވެ.
”އެދުވަހު މެންދުރު އަޅުގަނޑުމެން އެންފޯސްކުރަން ފެށީމަ ވަގުތުން ޝަޓްޑައުންވީ ހުރިހާ ޚިދުމަތެއް 10 އިނގިލީގެ ފިންގަރޕްރިންޓް ނުދޭ އެންމެ ބިދޭސީ އެއްވެސް އޭނާގެ ބެލުމުގެ ދަށުގައި ހުރިކަމުގައިވާނަމަ. އަޅުގަނޑުމެންނަށް ފަހުން އެނގުނު އަޅުގަނޑުމެން ބޭނުންވިގޮތަކަށް ނޫންކަމަށް އެންފޯސްމަންޓް ސިސްޓަމް ތެރެއަށް ދިޔައީ، އެހެންވީމަ އެރެއިން ރެއަށް ޚިދުމަތް އަނބުރާ ދީފަވާނެ އޭގެތެރެއިން ގިނަ ފަރާތްތަކަށް.“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.



