ވ.އަތޮޅުގައި ދަތުރުކުރަމުންދިޔަ ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، އެ އެންމެން ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:45 ހާއިރުއެވެ.
މި މައުލޫމާތު ލިބުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.
އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް މިހާރު ފެނިފައިވާ ކަމަށާއި، ނަމަވެސް ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ލިބެމުންދިޔަ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ނިޔާވެފައި ވަނީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިއެކެވެ.




