ދިވެހި ޙައްޖުވެރިންގެ މި އަހަރުގެ ފުރަތަމަ ގުރޫޕު ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، މިއަހަރުވެސް ޙައްޖުވެރިންނާއި، އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން އިސްނަގައިގެން، ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މި އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން، ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ކަނޑައެޅިފައިވާ ބަސް ރޫޓުތަކުގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ހުކުރު ދުވަހު ބަސްދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ.
ކޮންމެ ޙައްޖުވެރިއަކުވެސް އެ ޙައްޖުވެރިޔާއަށް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ބަސް ހުއްޓިތަކުގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނާއި، ސްކައުޓުން، ގާލްގައިޑުން އަދި ކެޑޭޓުން ހަރަކާތްތެރިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް ކަނޑައަޅާނީ އެ ދުވަހެއްގައި ފުރުމަށް ހަމަޖެހިފައިވާ ޙާޖީންނަށް އެންމެ ފަސޭހައިން ބަހާއި ހަމައަށް ފޯރޭނެ ސަރަޙައްދުތައް ބެލުމަށްފަހުގައެވެ. އަދި ރޫޓާއި ގަޑިތައް ވުޒާރާގެ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާއްމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ހުކުރު ދުވަހު ހަ ރޫޓަކުން ބަސް ދަތުރުތައް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ސަޢުދީ އެއާލައިނުގައި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 15:25 ގައެވެ.



