ވ. އަތޮޅުގައި ސަފާރީއަކުން މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް އެކަކު މަރުވެ، ގިނަ ޑައިވަރުންތަކެއް ގެއްލުނު ހާދިސާއާ ގުޅިގެން އެ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ރޭގައި ސަސްޕެންޑުކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ 2010 ވަނަ އަހަރު ބަން ”އެމްވީ ޑޫކް އޮފް ޔޯކް“ގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
މިނިސްޓްރީގެ ޕޯޓަލް އިން ދައްކާގޮތުގައި 12 ކޮޓަރީގެ ޑޫކް އޮފް ޔޫކްގެ ވެރިފަރާތަކީ އަބްދުލް މުހުސިން މޫސާ ނަމަކަށް ކިޔާ ބޭފުޅެކެވެ. އަދި އެ ސަފާރީ އޮޕަރޭޓްކުރަނީ މުހުސިން އަދި އިބްރާހިމް ރަޝީދުގެ ހިއްސާ އޮންނަ އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދީ އިޓަލީގެ ފަސް މީހެކެވެ. އެއީ ޓޫރިސްޓުންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނުނަސް ބާކީ ތިބި ހަތަރު މީހުން އަދި ނުފެނެއެވެ.
އެމްއެންޑީއެފުން އެ ދުވަހު ބުނީ މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ. ކަމާގުޅުން ހުރި އިދާރާތަކުން ދަނީ އެއަށްވުރެ ފުނަށް ފީނި ސަބަބު ބަލަމުންނެވެ.



