ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނާއި ގުޅުމަށް ފިންލޭންޑްގެ ތަޖުރިބާކާރުން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ. ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
އެއާއި އެކީ އެމްއެންޑީއެފުން ވަނީ އެސަރަހައްދުގައި ހާއްސަ ”ހައި ރިސްކު“ އޮޕަރޭޝަނެއް ފަށާފައެވެ.
އެ އޮޕަރޭޝަނުގައި އިއްޔެވެސް އަށް ޑައިވަރަކު ހަރަކާތްތެރިވަމުން ދިޔައެވެ. އަދި އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.
އެ ހާދިސާއާ ގުޅިގެން މިހާރު އޮޕަރޭޝަން މެދުކަނޑާލާފައިވައިރު، ދެން އޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އިޓަލީ ސަރުކާރުން ހަމަޖައްސާފައިވާ، އެ ގައުމަށް ނިސްބަތްވާ ”ބޭން“ ކިޔާ ކުންފުންޏެއްގެ ތަޖުރިބާކާރުންނާއި އެކުގައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ އޮޕަރޭޝަނާއި ގުޅުމަށް ތިން މެންބަރުންގެ ޓީމެއް ރާއްޖެ އައިސްފައިވާ ކަަމަށެވެ.
”މިކަހަލަ ޑީޕް ޑައިވްސް، ޑީޕް ކޭވް ޑައިވްސްްއަށްވެސް ދުނިޔޭގެ މަޝްހޫރު ބޭފުޅުންކޮޅެއް އެއީ، މިއީ ފިންލޭންޑްގެ ތިން ރައްޔިތުން. މިކަމުގައި ޓެކްނިކަލް ސަޕޯޓް ރާއްޖެއަށް އަތްދިއްކޮށްލީ އިޓަލީގެ އިތުރަށް، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އެމެރިކާ، އެފަރާތްތަކާއި މަޝްވަރާ ކުރެވިގެން، ހާއްސަކޮށް އަޅުގަނޑުމެންނަށް އެނގުނު އެއްޗަކީ، އިޓަލީ އާއި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން މަޝްވަރާކޮށްފައި، އެ ހުރިހާ އެންމެންނަށް އެއްބަސްވެވިގެން އައިޑެންޓިފައި ކުރި ކުންފުންޏެއްކަން މިއީ. މިއީ އިޓަލީ ކުންފުންޏެއް“ މުންދު ވިދާޅުވިއެވެ.



