މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުން މިއަދު ހުވާކުރައްވައިފިއެވެ.
އާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވަނީ، ކުރިން ތިއްބެވި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވުމުންނެވެ.
މާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އާ މެމްބަރުން އިގުރާރުގައި ސޮއިކުރެއްވުން މިއަދު ވަނީ ބާއްވާފައެވެ.
މާލޭގައި އެ ރަސްމިއްޔާތު ބޭއްވީ ސޯޝަލް ސެންޓަރުގެ ހޯލްގައެވެ.
މާލޭގެ މޭޔަރަކަށް ދެވަނަ ދައުރަކަށް އިންތިހާބުކުރި އާދަމް އާޒިމާއި ކައުންސިލަށް އަލަށް އިންތިހާބުވި 17 ކައުންސިލަރުންނަށް ވެސް މަގާމުގެ ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަނީޒް އަބްދުﷲ އެވެ.
އެ ރަސްމިއްޔާތުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުވި މެމްބަރުން ވެސް އިގްރާރުގައި ސޮއިކޮށްފައެވެ.
ކުރީގެ ކައުންސިލަރުންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ އެ ކައުންސިލުން ނިންމާ ނިންމުންތައް މާލޭގެ އިންތަކަށް ވުރެއް މާ ދުރަށް ފޯރާނެ ކަމަށާއި އެހެންވެ އެ ނިންމުމުންތަކަކީ ރާއްޖޭގައި ދެފުށް ފެންނަ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ހިންގުމުގެ ނަމޫނާއަކަށް ވާންޖެހޭނެ ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރައްވާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ސިޓީ ހިންގަން ކަމަށެވެ. މާލޭގެ ބިމުގެ ދަތިކަމާއި އާބާދީގެ ތޮއްޖެހުމާ އަޅާ ބަލާއިރު ޕްލޭންތައް ހަދަން ޖެހެނީ ހަރުދަނާ ގޮތެއްގައި މުސްތަގުބަލަށް ބިން ބޭނުންކުރެވޭނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.




