ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގުޅިގެން މަސައްކަތް ކުރެއްވުމަށް އެ ބޭފުޅުންގެ ފަރާތުން މަންދޫބުން ކަނޑައަޅުއްވައިފިއެވެ.
ކުރީގެ ތިން ރައީސުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރަން ހެދި ގްރޫޕަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، މަންދޫބުންގެ ގޮތުގައި ރައީސް ނަޝީދުގެ ފަރާތުން ކަނޑައެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދެވެ.
ރައީސް ޞާލިހުގެ މަންދޫބުންނަކީ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމާއި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
ނޫސްވެރިިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވެވި މީޑިއާ ބްރީފިންގައި ޔާމީން ވިދާޅުވި ގޮތުގައި ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިން އެކުލަވާލާނީ ފަންނީ ބަޔަކާ އެކުގައި ކަމަށެވެ.
”އަޅުގަނޑުމެން މިހާރު ޓާސްކް މިކުރަނީ އަޅުގަނޑުމެން ތިން މީހުން ތަމްސީލުވާ ގޮތަށް ހަމަ ފަންނީ ބަޔަކާ އެކު އަޅުގަނޑުމެންގެ ސްޓްރެޓެޖީތަކެއް އެކުލަވާލާފައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ހަމަ އެކަށީގެންވާ ޓައިމްލައިންތަކެއް އެސައިންކުރަން،“ އެ ރޭ ރައީސް ޔާމީނު ވިދާޅުވެފައިވެއެވެ.


