ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހެނދުނު ބޭއްވުމަށް ތާވަލުކުރެއްވި ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން، ރައީސް މުޢިއްޒު ވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަވާނެކަމަށް ވިދާޅުވެފައެވެ.
އެއަށްފަހު، މުހިންމު ސަބަބެއް މެދުވެރިވެގެން ނުވަތަ މާލެއިން ބޭރަށް އެދުވަހެއްގައި ފުރާވަޑައިގަންނަވަން ނުޖެހޭނަމަ އެމަނިކުފާނު ވަނީ ކޮންމެ ހަފްތާއެއްގައި ވެސް އެ ބައްދަލުވުން ބާއްވަވައި ވައުދުފުޅު ފުއްދަވާފައެވެ.
އެގޮތުން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ބާއްވާ އެ ބައްދަލުވުމުގައި، ސަރުކާރުން މިހާރު ހިންގަމުން ގެންދާ އެކި މަޝްރޫޢުތަކުގެ ކުރު ޚުލާސާ އަޕްޑޭޓު ދިނުމާއި ނޫސްވެރިންގެ ސުވާލުތަކަށް ވެސް އެމަނިކުފާނު ޖަވާބު ދެއްވައެވެ.
މިއަދު ބޭއްވުމަށް ތާވަލުކުރި އެ ބައްދަލުވުން ރައީސް އޮފީހުން ވަނީ މީގެ އިރުކޮޅެއް ކުރިން ކެންސަލް ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުން ކެންސަލް ކުރެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.



