ރާއްޖޭގެ ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަހުލުވެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ އިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވައި، އެ ދާއިރާގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.

މި ސެޝަންތަކުގައި މުހިންމު ދާއިރާތަކަކުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިމާރާތްކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުން ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާ ގުޅޭ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ޤަވާއިދުތަކަށްވެސް އަލިއަޅުވާލެވޭނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.




