މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ތިންވަނަ ގްރޫޕް މިއަދު މެންދުރުފަހު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
ސައުދީ އެއާލައިންސްގެ މި ފްލައިޓުގައި 250 ހައްޖުވެރިން ވަނީ ފުރާފައެވެ.
މިއަދު ފުރި ތިންވަނަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާފައިވަނީ މެންދުރުފަހު 15:25 ހާއިރުއެވެ. މި ފްލައިޓް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދެވޭނެ ކަމަށް ބެލެވެނީ ރާއްޖެ ގަޑިން މިރޭ 20:30 ހާއިރުއެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވާ 1,000 ކޯޓާގެ ދަށުން ހައްޖުވެރިން ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ސައުދީ އެއާލައިންގެ ދެ ފްލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި 238 މީހުން ފުރާފައިވާއިރު، މި މަހުގެ 17 ވަނަ ދުވަހު ފުރި ދެވަނަ ފްލައިޓުގައި 260 ހައްޖުވެރިން ވަނީ ފުރާފައެވެ. މިއަދު ފުރި ތިންވަނަ ފްލައިޓަށްފަހު، އެންމެ ފަހު ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ، 19 ޖޫންގައެވެ. މޯލްޑިވިއަންގެ އެ ފްލައިޓުގައި 252 ހައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ ހައްޖުވެރިންގެ ދަތުރުތައް ލުއިފަސޭހަކުރުމަށް ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން، ފްލައިޓް ފުރުމުގެ ކުރިން ހައްޖުވެރިންގެ ފޮށިތައް ނަގައި، ދުރާލާ ޗެކިންގެ ކަންކަން ވަނީ ނިންމާފައެވެ. އަދި ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށްޓަކައި، ފްލައިޓް ފުރުމުގެ ފަސް ގަޑިއިރު ކުރިން ހާއްސަ ބަސް ދަތުރުތައްވެސް ވަނީ ބާއްވާފައެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ހައްޖުވެރިންނަށް ”މައްކާ ރޫޓު“ ގެ ހިދުމަތް ލިބިގެންދާނެއެވެ. މި ހިދުމަތުގެ ސަބަބުން ހައްޖުވެރިން ޖިއްދާ އެއާޕޯޓަށް ފޭބުމަށްފަހު، އިމިގްރޭޝަންގެ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހި، ސީދާ ހޮޓަލަށް ދިއުމުގެ ދަތުރު ފެށުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



