މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސްގއ އަރިހުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސް ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު އެމަނިކުފާނަށް ހިއްސާކުރައްވާފައެވެ.

ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފޭސް 1 ގައި ހިމެނޭ ތިން ސެގްމެންޓެއްގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ކުރިން ނިންމާފައިވާ ދެ ސެގްމެންޓުގެ ފަރުމާއާ އެއްގޮތަށެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ސެގްމެންޓް 1، 2 އަދި 3 ގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ހުރިހާ ސެގްމެންޓެއް އެކީގައެވެ.
އަދި އަންނަ ޖޫން މަހުގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ މަގުގެ ތިންވަނަ ސެގްމެންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކައިގެން 500 ސައިކަލު ޕާކު ކުރެވޭނެ ޖާގައިގެ ބޮޑު ޕާކިންގް ޒޯނެއްތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މި ޕާކިންގް ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް މިހާރު ވަނީ ހިއްކާ ނިންމާފައެވެ.
މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ފަހަރަކު ބައެއް ބަންދުކޮށްގެން އާންމުންނަށް ވީހާވެސް ދަތިނުވާނެ ގޮތަކަށެވެ.
އެމްޓީސީސީގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ތެރޭގައި މަގުގެ ހުރިހާ މަސައްކަތެއް ނިންމައި، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ.



