ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން، ލޮކޭޓްކުރެވުނީ ހޮހަޅައިގެ އެންމެ ފުނުން ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ބުނެފިއެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމަކުން މިއަދު ވަނީ ބައިވެރިވެފައެވެ.
ޑޭން އިން ބުނި ގޮތުގައި ގެއްލުނު މީހުން ލޮކޭޓްކުރެވުނީ ތިން ގަޑިއިރަށް ދެމިގެންދިޔަ ނުރައްކާތެރި އަދި އުނދަގޫ މަސައްކަތަކަށް ފަހުގައެވެ. މިއަދު މެންދުރު ފަހު ރާއްޖޭ ގަޑިން 12:30 ހާއިރު ފެށި މި ޑައިވްގައި، ގެއްލިފައިވާ މީހުން ތިބި ތަން ދެނެގަނެވުނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުން މަސައްކަތް ކުރީ ވަރަށް ފުނަށް ޑައިވްކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އާލަތްތައް ބޭނުންކޮށްގެން ކަމަށް ޑޭން އިން މައުލޫމާތު ދެއެވެ. ޑައިވަރުން އެ ހޮހަޅައިގެ ތެރެއަށް ވަދެ އެތަން ބަލާ ފާސްކުރީ އެ ތަނުގެ މާހައުލާއި ހާލަތު ރަނގަޅަށް ބަލާ ވަޒަންކުރުމަށް ފަހުގައެވެ.
ޑައިވަރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލަހައްޓާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ޑޭން އިން އިތުރަށް ބުނީ، މިހާރު ކުރިއަށްދަނީ ހޮހަޅައިގެ ތެރޭގައި ތިބި އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި ހަށިގަނޑުތައް ބޭރަށް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން މިހާރު ރާވަމުން އަންނަ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.



