ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ މާލީ ބަޔާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކޮށްފިއެވެ.
މި ބަޔާނުގައިވާ ގޮތުން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ރައީސްއަށް ތިން މަސްދަރަކުން ޖުމްލަ 705,024.00 ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވެއެވެ.
ރައީސްގެ އާމްދަނީގެ ތަފްސީލަށް ބަލާއިރު، މުސާރައިގެ ގޮތުގައި 285,024.00 ރުފިޔާ، ހުޅުމާލޭ ރޯހައުސް ކުއްޔަށް ދީގެން 240,000.00 ރުފިޔާ އަދި އާއިލާގެ ފަރާތުން ހަދިޔާގެ ގޮތުގައި 180,000.00 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. ބަޔާން ނެރުނު ތާރީހާ ހަމައަށް އެމަނިކުފާނުގެ ބޭންކު އެކައުންޓްތަކުގައި ޖުމްލަ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި އިރު، މީގެ ތެރޭގައި ބީއެމްއެލް ސޭވިންގްސް އެކައުންޓެއްގައި ހުރި 1,701,470.44 ރުފިޔާ ހިމެނެއެވެ.
ރައީސްގެ މިލްކިއްޔާތުގައި 260,000.00 ރުފިޔާގެ އަގުހުރި ކާރެއް އޮތްއިރު، ރިއަލް އެސްޓޭޓްގެ ގޮތުގައި މާލޭގައި ހުރި ”މ. ދިމްޔާތު“ އާއި ހުޅުމާލޭގައި ހުންނަ 5.9 މިލިއަން ރުފިޔާގެ ރޯހައުސްއެއް ހިމެނެއެވެ. މީގެ އިތުރުން ހއ. ވަށަފަރުގައި ހުންނަ 150,000.00 ރުފިޔާގެ އިމާރާތަކާއި މ. ފިގް އިން ހިބައިން ލިބިވަޑައިގެންފައިވާ ބައެއްވެސް މިލްކިއްޔާތުގައިވެއެވެ.
ދަރަނީގެ ގޮތުގައި ރައީސް މުއިއްޒުގެ ނަންފުޅުގައި އޮތީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ދައްކަންޖެހޭ 1,319,265.13 ރުފިޔާގެ ލޯނެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފާއިތުވި ހަ މަސްދުވަހު ލިބުނު އާމްދަނީގެ ތަފްސީލުވެސް ވަނީ ހާމަކޮށްފައެވެ. އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އެލަވަންސްގެ ގޮތުގައި 199,999.98 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި 78,000.00 ރުފިޔާ އަދި ހެލްތު މިނިސްޓްރީއަށް ކޮންސަލްޓެންސީ ދީގެން 4,927.32 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.




