ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި ނެއިބަރހުޑް 1 (އެން1) ސްޕޯޓްސް ޕާކް ރޭގައި ހުޅުވައިފިއެވެ.
ހުޅުމާލޭ ފޭސް 1 ގައި ހުންނަ ކޮންޓެއިނަރ ޕާކް ކުރިމަތީގައި އޮތް ހުސް ބިމުގައި ތަރައްގީކުރި މި ސްޕޯޓްސް ޕާކްގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހުގައެވެ. އެދުވަހަށްފަހު ސްޕޯޓްސް ޕާކްގެ މަސައްކަތް އެއްކޮށް ނިމި، ރޭގައި ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
ހުޅުމާލެ އެން1 ސްޕޯޓްސް ޕާކް ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ (ރިޓަޔަރޑް) ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ، ހުޅުމާލޭ ފޭސް 1 ގައި ރައްޔިތުންނަށް ޚާއްސަކޮށް އަދި ކުޅިވަރަށް ލޯބިކުރާ ރައްޔިތުންނަށް ޚާއްސަކޮށްގެން މި ހުޅުވުނު ސްޕޯޓްސް ޕާކަކީ އޭގެ ސަބަބުން އެކަކު އަނެކަކުގެ އެކުވެރިކަމާއި ގުޅުން ބަދަހިވެ، އަދި ހިތްފަސޭހަ ވަގުތުތަކެއް ރައްޔިތުންނަށް ހޭދަކުރެވޭނެ ތަނަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
”އަދި މި އަހަރަކީ އެޗްޑީސީއަށް 25 އަހަރު ފުރޭނެ އަހަރު. އެހެންކަމުން މިފަދަ ކާމިޔާބީއެއް ހާސިލުކުރުމަކީ އަޅުގަނޑުމެން މިދިޔަ 25 އަހަރު ކުރި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް“ ޒުހައިރު ފާހަގަ ކުރެއްވިއެވެ.
ހުޅުމާލޭ އެން1 ސްޕޯޓްސް ޕާކުގައި ވަނީ ފުޓްސަލް ކުޅުމަށާއި ވޮލީބޯޅަ ކުޅުމަށް އަދި ބާސްކެޓްބޯލް ކުޅުމަށް ކޯޓެއް ތަރައްގީ ކޮށްފައެވެ.




