އޮސްޓްރޭލިއާއިން ރާއްޖެއަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް މިއަދު އައިސްފިއެވެ.
އެ އެއާލައިނުން އޮސްޓްރޭލިއާ އިން ރާއްޖެއަށް މިއަދު ހެނދުނު އައި ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި މޯލްޑިވިއަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަނުން ރާއްޖެއިން އޮސްޓްރޭލިއާއަށް ފުރަތަމަ ފްލައިޓް ބޭއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ ތާރީހުގައި ވެސް ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ބޭއްވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ކުރަނީ މުޅިން ވެސް ޓްރާންސިޓް ދަތުރުތަކެވެ.
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330 ގައި ކުރުމަށް ހަމަޖެހިފައިވާ އެ ދަތުރުތަކުގެ ދަށުން ކޮންމެ ހަފުތާއަކު ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ކޮޅަކަށް އެއް ފްލައިޓް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ ކޮޅަކަށް 11 ވަރަކަށް ގަޑިއިރުގެ ދިގު ދަތުރެކެވެ.
އޮސްޓްރޭލިއާގެ ޓްރެވަލް ކޮމްޕެނީ ލަގްޒަރީ އެސްކޭޕްއާ ގުޅިގެން ކޮންމެ ހަފުތާއަކު މެލްބަންއަށް ޝެޑިއުލް އެއް ދަތުރު ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.



