ސަރުކާރުން ކުރިއަށްގެންދާ ”ހަށިހެޔޮރާއްޖެ“ ޕުރޮގުރާމުގެ ދެވަނަ ރީޖަންގެ ހަރަކާތްތައް ބ. އޭދަފުށީގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޕުރޮގުރާމު ފެށުމަށްޓަކައި އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މުޖުތަމައުތައް ބާރުވެރިކުރުވުމަށްޓަކައި ސިއްހަތާއި ހަށިހެޔޮކަމަށް އިސްކަންދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކުން ތަމްރީނުވުމަށްފަހު، އެ މީހުންގެ އަމިއްލަ ރަށްރަށުގައި މިފަދަ ޕުރޮގުރާމުތައް ހިންގައިގެން މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭދަފުށީގައި ފެށި މި ޕުރޮގުރާމުގައި ޖުމްލަ 60 ބައިވެރިން ބައިވެރިވެއެވެ. މީގެ ތެރޭގައި ނޫނު، ރާ، ބާ އަދި ޅަވިޔަނި އަތޮޅުގެ ރަށްރަށުން ހިމެނޭ 17 ސްޕޯޓްސް ކައުންސިލަރުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
”ހަށިހެޔޮރާއްޖެ“ ޕުރޮގުރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމު ހިންގަނީ ޒުވާނުން ބާރުވެރިކުރުމާއި، ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
މި ޕުރޮގުރާމުގެ ފުރަތަމަ ބުރު މިދިޔަ އަހަރު ފ. ނިލަންދޫގައި ވަނީ ބާއްވާފައެވެ. ނިލަންދޫގައި ކުރިއަށްދިޔަ އެ ޕުރޮގުރާމުގައި 140 ބައިވެރިން ބައިވެރިވެފައިވެއެވެ.




