އއ. ރަސްދޫގައި ތަރައްޤީކުރަމުންދާ އާ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމަށްޓަކައި ކޮނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، ފައުންޑޭޝަން އެޅުމަށްޓަކައި ކުރަންޖެހޭ ކޮނުމުގެ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫގެ ދަށުން ކޮނުމުގެ މަސައްްކަތް ކުރިއަށްދާއިރު، އެމްޓީސީސީ އިން ވަނީ އެސަރަހައްދުގައި ހުރި ގަސްތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ބިން އެއްވަރުކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ.
ރަސްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަހުގެތެރޭގައި ނިންމާގޮތަށް 185 މިލިއަން ރުފިޔާއަށެވެ.
ސިއްހީ ދާއިރާ ކުރިއަރުވައި އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންގެ އިތުރުން ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ދަނީ ކުރިއަށް ގެންދަމުންނެވެ.




