މިމަހުގެ 16 އިން 19 އަށް އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ދިވެހި ޝެފުންގެ ޖަމްޢިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝެފުން ބައިވެރިވާ މިފަދަ އެންމެ ބޮޑު ބައިނަލްއަޤްވާމީ ހަރަކާތެވެ.
ކޮންމެ ދެ އަހަރަކުން އެއްއަހަރު ބާއްވާ މި ކޮންގްރެސްއަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ފާހަގަކޮށްލެވޭ ޝެފުން އެއްތަނަކަށް އެއްވެ، މަޢުލޫމާތާއި ހުނަރު އަދި ޚިޔާލު ބަދަލުކުރުމަށް ލިބޭ މުހިއްމު ފުރުސަތެކެވެ. މީގެ އިތުރުން މިއީ މި ދާއިރާގެ މަސައްކަތްތެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ ދުނިޔޭގެ ފެންވަރުގެ ޕްލެޓްފޯމެކެވެ.
މިއަހަރުގެ ކޮންގްރެސްގައި މިޝެލިން ސްޓަރ ޝެފުންގެ ކީނޯޓް އެޑްރެސްތަކާއިއެކު، ހުނަރު ދަސްކޮށްދޭ ވޯކްޝޮޕްތަކާއި ކޯ-ލަރނިންގ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުންތަކުގައި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ކަލިނަރީ ދާއިރާއަށް ކުރާ އަސަރުތަކާއި، ދާއިރާގެ ދެމެހެއްޓެނިވިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ގެސްޓްރޮނޮމީގެ އާ ޓްރެންޑުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
އަދި މި އެކްސްޕޯގެ ތެރެއިން ”ދަ ގްލޯބަލް ޝެފް ޗެލެންޖް“ ކެއްކުމުގެ މުބާރާތުގެ ފައިނަލްސްވެސް ވަނީ ބާއްވާފައެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ވިދާޅުވި ގޮތުގައި، މިއީ އެ ޖަމްޢިއްޔާއިން ވަރަށް ޚާއްސަ އިސްކަމެއްދީގެން ސިލްސިލާކޮށް ބައިވެރިވަމުން އަންނަ ހަރަކާތެކެވެ. ބޭރުގެ ފަރާތްތަކާއެކު މިފަދަ ގުޅުންތައް ބަދަހިކުރުމަކީ ރާއްޖޭގެ ކަލިނަރީ ދާއިރާ އިތުރު ހަރުފަތަކަށް ކުރިއެރުވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ ދެން އޮންނާނީ 2028 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ. އެ އަހަރުގެ ކޮންގްރެސް ވެގެންދާނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީއަށް 100 އަހަރު ފުރޭ ޚާއްސަ މުނާސަބަތަކަށެވެ.



