މިއަހަރުގެ ފެބުރުއަރީ އަދި މާޗު މަހު ބޭއްވި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ހާމަކުރި ގޮތުގައި، މިއަދު މެންދުރު 12:00 އިން ފެށިގެން ދަރިވަރުންނަށް ނަތީޖާ ދޫކުރަން ވަނީ ފަށާފައެވެ.
މި އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވި ކެނޑިޑޭޓުންގެ ނަތީޖާ ދޫކުރަމުންދާނީ ޑީޕީއީގެ ފަރާތުންނެވެ. އެ އިދާރާ މިހާރު ހިންގަމުންދަނީ ކުރިން އިއްޒުއްދީން ސްކޫލް ހިންގި އިމާރާތުގައެވެ. އަދި ސްކޫލްތަކުގެ ފަރާތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް ނަތީޖާ ދޫކުރަމުންދާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސްކޫލަކުން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ޑީޕީއީ އިން އިތުރަށް ބުނެފައިވަނީ، މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 13:30 އާ ހަމައަށް ނަތީޖާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މިއަހަރު ދެ ބެޗެއްގެ ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވާނެއެވެ. އެގޮތުން ފެބުރުއަރީ އަދި މާޗު މަހު ބޭއްވި އިމްތިހާނުގައި އެއް ބެޗުގެ ދަރިވަރުން ސާނަވީ ތައުލީމު ނިންމާލައިފައިވާއިރު، ދެވަނަ ބެޗުގެ އިމްތިހާނު އޮންނާނީ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައެވެ.
މި ބަދަލަކީ ދިރާސީ އަހަރުގެ ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ.



