ކުރިޔަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.
މިހާރު ވެސް ގިނަ އަތޮޅުތަކަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައި ކަމަށް މެޓުން ބުންޏެވެ.
މި ބުރާސްފަތި ދުވަހު އީދު ބަންދާއި މިޑްޓާމް ބްރޭކަށް ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުވާނެއެވެ. މިއީ އާންމުކޮށް ގިނަ އަދަދެއްގެ ބަޔަކު މާލެއިން އަތޮޅު ތެރެއަށް އީދު ކުޅިވަރުތައް ބެލުމަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން ލަފާކުރާ ގޮތުގައި ހައްޖު ދުވަހާއި އީދުގައި ވެސް ރާއްޖެއަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެއެވެ. މި އަހަރުގެ ހައްޖު ދުވަހަކީ މެއި މަހުގެ 26 ވަނަ ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ ޖެހިގެން އަންނަ 27 ވަނަ ދުވަހެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް މި މަހުގެ 8 ވަނަ ދުވަހު ފެށިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.




