ހުޅުމާލެގައި މިއަދު ހިނގި ދެ އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ރީތިގަސްމަގުގައެވެ. މިއަދު ހަވީރު 15:50 ހާއިރު ހިނގި މި އެކްސިޑެންޓަކީ ތިން ސައިކަލެއް ޖެހިގެން ހިނގި ހާދިސާއެކެވެ.
މި ހާދިސާގައި ދިވެހި އަންހެނަކަށާއި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލް ފުލުހުން ވަނީ ޓޯކޮށްފައެވެ.
ދެވަނަ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ މިދިލިމަގުގައެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގީ އެ މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެންނެވެ.
މިއަދު ހަވީރު 16:42 ހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލްގައި ތިބި ދިވެހި ފިރިހެނަކަށާއި އަންހެނަކަށް އަނިޔާވެފައިވެއެވެ. މި ހާދިސާގައި ވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.
މި ދެ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


