މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އެކަން ފާހަގަކޮށް ރާއްޖެއަށް ހަނދާނީ ފިލާ އަރުވައިފިއެވެ.
މިއީ ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ރާއްޖެއިން ހާސިލްކުރި ތާރީޚީ ބޮޑު ކާމިޔާބީއެކެވެ.
މި ކާމިޔާބީގެ ހަނދާނީ ފިލާ މިނިސްޓަރ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރ ގީލާ އަލީއާ ހަވާލުކޮށްފައިވަނީ މިހާރު ޖެނިވާގައި ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެންބްލީގައެވެ. ޑަބްލިޔު.އެޗް.އޯ އިން ވަނީ ރާއްޖެއިން މި ތިން ބަލި ”ޓްރިޕަލް އެލިމިނޭޝަން“ ނުވަތަ މައިންގެ ފަރާތުން ދަރިންނަށް ވާރުތަވުން ނައްތާލާފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
މި ކާމިޔާބީއާއެކު، ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ މި ތިން ބަލި އެކުގައި ނައްތާލައި، އެކަން ދަމަހައްޓާފައިވާ ދުނިޔޭގެ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. މިއީ މާބަނޑު ދުވަސްވަރު އެންމެން ބަލިތަކަށް ސްކްރީން ކުރުމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ވެކްސިން ދިނުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ކުރި މެދުކެނޑުމެއްނެތް މަސައްކަތުގެ ނަތީޖާއެވެ.
ރާއްޖެއިން މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވަނީ މައިންގެ ފަރާތުން ކުދިންނަށް އެޗް.އައި.ވީ އަދި ސިފިލިސް ވާރުތަވުން ނައްތާލާފައިވާކަމުގެ ކަށަވަރުކުރުން ހޯދާފައެވެ. އޭގެ ފަހުން އުފަންވާ ކުދިންގެ ގައިން އެޗް.އައި.ވީ ނުވަތަ ވިހާއިރު ހުންނަ ސިފިލިސްގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ. މިހާރު މި ކާމިޔާބީ ހެޕަޓައިޓިސް ބީ އަށް ފުޅާކުރެވުނީ މާބަނޑު މީހުންނަށް ދޭ ފަރުވާގެ ނިސްބަތް 95 އިންސައްތައަށް ވުރެ މަތީގައި ހުރުމުންނެވެ.
މި ލަނޑުދަނޑި ހާސިލްކުރުމުގައި ގައުމީ ސިއްހީ އިދާރާތަކާއި، ޑަބްލިޔު.އެޗް.އޯ، ޔުނިސެފް އަދި ރަށްރަށުގެ ސިއްހީ އެހީތެރިން ވަނީ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މީގެ އިތުރުން، ބަލިތައް މޮނިޓާކުރާ ނިޒާމުތައް ވަރުގަދަކުރުމާއި ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކުގެ ބޭނުން ހިފުން މި ކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރިއެވެ.
ޑަބްލިޔު.އެޗް.އޯ ގެ މި ބަލައިގަތުމާއެކު، މައިންގެ ފަރާތުން ދަރިންނަށް ބަލިތައް ވާރުތަވުން ހުއްޓުވުމުގައްޔާއި، ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރަށް އޮތް ވަރުގަދަ ސިއްހީ ނިޒާމެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދުނިޔޭގެ ކުރިމަތީގައި ނަމޫނާ ގައުމަކަށް ވެގެންދާނެއެވެ.



