އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ޤައުމުތަކަށް ބޭނުންވާކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ 79 ވަނަ ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ޤަޢުމުތަކުގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ.
މިނިސްޓަރުގެ ބަޔާނުގައި، ދުނިޔޭގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއި ސިޔާސީ ނުތަނަވަސްކަމުގެ މި ދަނޑިވަޅަކީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރަންވީ ވަގުތުކަން ފާހަގަކުރެއްވިއެވެ. މިފަދަ ގޮންޖެހުންތަކާއެކުވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ބަލިތައް ކޮންޓްރޯލްކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން ޑިޖިޓަލް ހެލްތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ސަރަހައްދުގެ ޤައުމުތަކުން ދުންފަތުގެ އިސްތިމާލުކުރުމުން އައު ޖީލުތައް ރައްކާތެރިކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއި ބަލިތައް ނައްތާލުމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން، މިނިސްޓަރު ވިދާޅުވީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުން މިކަމުގައި ނަމޫނާ ދައްކަމުންދާ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ސިއްޙީ ނިޒާމު އިސްލާހުކުރުމުގައި ތިން މައިގަނޑު އަސާސަކަށް ބާރުއަޅާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
އެގޮތުން ޤައުމުތައް އެއް އަމާޒަކަށް މަސައްކަތްކޮށް، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމާއި، އިންސާފުވެރި ދެމެހެއްޓެނިވި މާލީ އެހީތައް ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރަހައްދީ ސިއްހީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި، ސަރަހައްދީ ހާލަތްތައް ރަނގަޅަށް ދަންނަ، ގާބިލު އަދި ހަރުދަނާ ލީޑަރޝިޕެއް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހުރިހާ ފަންތިއެއްގައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަޔާން ނިންމަވާލައްވަމުން މިނިސްޓަރު ވަނީ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމުން ސިއްހީ ދާއިރާއަށް ހަގީގީ ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން މި ސަރަހައްދުގެ ޤައުމުތަކަށް އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.



