ކަމާގުޅޭ އިދާރާގެ އެއްވެސް ހުއްދައެއް ނެތި ރާއްޖެ އަށް އާއްމުކޮށް އެތެރެކޮށްގެން ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އާއްމުކޮށްފިއެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖެ އަށް އެތެރެކުރާ ބޭހަކީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަކަށް ވާންޖެހޭނެ ކަމަށެވެ.
ނަމަވެސް، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ތަފާތު ވައްތަރުތަކުގެ ބޭސް ރާއްޖެ އަށް އިމްޕޯޓުކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ވެސް ވިއްކަމުންދާކަން އެ އިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. އެމްއެފްޑީއޭ އިން އާއްމުކުރި ލިސްޓުގައި ހިމެނެނީ ތަދުތަކަށް އުނގުޅާ ބޭހާއި، ހަމުގެ ބަލިތަކަށް ބޭނުންކުރާ ބޭހުގެ އިތުރުން ރޯގާ އަދި ހަކުރު ބައްޔަށް ބޭނުންކުރާ ބައެއް ބޭސްތަކެވެ.
— MFDA (@MFDA_mv) May 20, 2026
— MFDA (@MFDA_mv) May 20, 2026
އެމްއެފްޑީއޭ އިން ބުނި ގޮތުގައި މި ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވޭ ބާވަތްތަކެއް ނޫނެވެ. އަދި ރަޖިސްޓްރީ ނުކުރާ އެފަދަ ބާވަތްތަކަކީ އެއްވެސް ގޮތަކަށް އޭގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫން ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ. އެހެންކަމުން، އެފަދަ ތަކެތި ރާއްޖެއަށް އިމްޕޯޓުކޮށް، ވިއްކައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ އިއުލާނުކޮށްފައެވެ.
”މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވަތްތައް އިމްޕޯޓުކޮށް ވިއްކުމުން އެ ބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާ ފަދަ ބޮޑެތި، ސިއްހީ ނުރައްކަލަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ،“އެމްއެފްޑީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ނަންބަރު 7200321 އަށް ގުޅައިގެން މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.




