ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ރިކަވަރީ އޮޕަރޭޝަނުގައި އުޅެނިކޮށް، ސިފައިންގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ސާޗް އޮޕަރޭޝަންގެ ތެރޭގައި މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން މިހާރު ގެންދަނީ ބަލަމުން ކަމަށެވެ.
ސިފައިންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ މަހުދީ ނިޔާވީ ޑައިވަރުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުއެވެ.
މި ހާދިސާ ހިނގާފައިވަނީ، ރާއްޖޭގައި ފީނުމަށް ހުއްދަ ދީފައި އޮންނަ މިންވަރަށް ވުރެ މާ ފުނުގައި އޮތް ހޮހޮޅައަކަށް ފީނި ފަސް މީހުން ހޯދުމުގެ މަސައްކަތުގެ ތެރޭގައެވެ. މަހުދީ ނިޔާވުމާ ގުޅިގެން މެދުކަނޑާލި އޮޕަރޭޝަން ފަހުން ވަނީ ފިންލޭންޑުގެ ތަޖުރިބާކާރުންނާ އެކު އަލުން ފަށާފައެވެ. އަލުން ފެށި އޮޕަރޭޝަނުގެ ތެރެއިން، ގެއްލުނު މީހުންގެ ހަށިތައް މިހާރު ވަނީ އެ ހޮހޮޅައިގެ ތެރެއިން ނަގާފައެވެ.
މަހުދީ ނިޔާވުމާ ގުޅިގެން އޭނާގެ ރޭންކް މަތިކޮށްފައިވާއިރު، އޭނާ ފަސްދާނުލާފައިވަނީ ސިފައިންގެ ރަސްމީ އިއްޒަތުގައެވެ.




