ރާއްޖޭއިން އެކްސްޕޯޓްކުރާ ކަަޅުބިލަމަހުގެ އުފެއްދުންތަކަކީ ދުނިޔޭގެ ހުރިހާ ބާޒާރަކުން ބަލައިގަންނަ، ފެންވަރު ރަނގަޅު އުފެއްދުންތަކެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ނުވަތަ ޑިއުޓީ ކަނޑާލުމާ ގުޅިގެން، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މުންދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ މަސްވެރި އާއިލާތަކަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިންނާއި އެކްސްޕޯޓް ކުރާ ފަރާތްތަކުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުން ކަމަށް ވެސް މުންދު ފާހަގަކުރެއްވިއެވެ.
2012 ވަނަ އަހަރު ރާއްޖެއަށް ލިބެމުންދިޔަ ޖީ.އެސް.ޕީ ޕްލަސްގެ އިނާޔަތް ކަނޑާލުމާ ގުޅިގެން ރާއްޖޭގެ މަހުގެ އެކްސްޕޯޓަށް ވަރަށް ބޮޑު ލޮޅުމެއް އައި ކަމަށް މުންދު ވިދާޅުވިއެވެ. ޚާއްޞަކޮށް ޔޫރަޕްގެ ބާޒާރުތަކަށް ފޮނުވާ މަހުން 24 އިންސައްތައިގެ ޓެކުހެއް ދައްކަން ޖެހުމަކީ ދިވެހި އެކްސްޕޯޓަރުންނަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މުންދު ސިފަކުރެއްވިއެވެ.
މުންދު އިތުރަށް ވިދާޅުވި ގޮތުގައި، އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށްފަހު އެ ގައުމާއެކު ކުރެވުނު މަޝްވަރާތަކުން މިހާރު ހެޔޮ ބަދަލެއް އައިސްފައިވެއެވެ. މީގެ ކުރިން އިކުއެޑޯ، މޮރީޝަސް، ސީޝެލްސް، އަދި ފިލިޕީންސް ފަދަ ގައުމުތަކުން ޑިއުޓީއާ ނުލައި އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓް ކުރަމުންދިޔައިރު، ރާއްޖެއިން ޖެހުނީ ބޮޑު ޓެކުހަކާއެކު އެ ގައުމުތަކާ ވާދަކުރާށެވެ. ނަމަވެސް މި ނިންމުމާއެކު ދިވެހި މަސްވެރިންނަށް ބައިނަލްއަގުވާމީ ބާޒާރުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.
”އަޅުގަނޑުމެންގެ ރާއްޖޭގެ ކަޅުބިލަމަހުގެ ބާވަތްތަކަކީ މުޅި ދުނިޔެ ވެސް ގަބޫލުކުރާ ބާވަތްތަކެއް،“ މުންދު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަމަކީ އެމް.އެސް.ސީ (MSC) ސެޓިފިކޭޝަން ލިބިފައިވާ، ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ވާތީ، ދުނިޔޭގެ ހުރިހާ ބާޒާރަކުން ވެސް ދިވެހި މަހުގެ އުފެއްދުންތައް ބަލައިގަންނަކަން މުންދު ފާހަގަކުރެއްވިއެވެ.




