ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ޖަލަށް ހުކުމްކުރި ”އަދަދު“ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މިއަދު ޖަލުން ދޫކޮށްލައިފިއެވެ.
ލީވާން ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ބަންދުކޮށްފައި ހުރީ ހުޅުމާލެ ޖަލުގައެވެ. ލީވާންގެ އިތުރުން ”އަދަދު“ ނޫހުގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާން ވެސް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި 15 ދުވަހަށް ޖަލަށް ލާފައިވެއެވެ.
މި މައްސަލައަކީ ”އަދަދު“ ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅުންހުރި މައްސަލައެކެވެ. ލީވާން ޖަލަށް ލީ އެ އަމުރާ ގުޅޭ ޚަބަރެއް ލިޔުނު ގޮތަކުން ކަމަށް ބުނާއިރު، ޝަހުޒާން ޖަލަށް ލީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.
ޑޮކިއުމެންޓްރީއާ ގުޅިގެން، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުގެ ދައުވާގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށާފައެވެ.




