މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ރާއްޖޭގައި ސަބްސިޑީއަށް ކުރި ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލައި ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 993.1 މިލިއަން ރުފިޔާ ނުވަތަ 77.8 އިންސައްތަ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަވެފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމަށް ސަރުކާރުން ދޭ ސަބްސިޑީގެ ސަބަބުން އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ސަރުކާރުން ތެޔޮ އެތެރެކުރުމަށް ކުރަންޖެހޭ ހޭދަ ކުރިއަށްވުރެ 110 އިންސައްތަ ވަނީ އިތުރުވެފައެވެ. މިހާރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހަކު 116 މިލިއަން ޑޮލަރު ހޭދަކުރަން ޖެހެއެވެ.
މީގެ އިތުރުން، ދަރަނި އަދާކުރުމާއި އިންޓަރެސްޓްގެ ޚަރަދުތައް 2.1 ބިލިއަން ރުފިޔާގައި ހުރިއިރު، އެ ޚަރަދުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ސަރުކާރުން ބުނެފައިވަނީ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށްޓަކައި، ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.




