ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަދި މާލެ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި، ޢަލީ ޒުބައިރު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރައީސް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަލްމަރްޙޫމް ޢަލީ ޒުބައިރަކީ ދައުލަތަށް 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ޚާއްޞަކޮށް މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި އޭނާ ގިނަ އަހަރުތަކެއް ހޭދަކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
އެކުގައި މަސައްކަތްކުރެއްވިއިރު، ޢަލީ ޒުބައިރުގެ ފަރާތްޕުޅުން ކޮންމެ ދުވަހަކުވެސް ފެނިވަޑައިގެންނެވީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާކަމަށާއި، ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރަކު ވަކިވެ ދިއުމުގެ ހިތާމަ އިޙްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި، މާލެ ސިޓީގެ ރައްޔިތުންނަށާއި، މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ރައީސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަލީ ޒުބައިރު ލަހައްޓަވައި، އެ މަރްޙޫމަށް ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވުން އެދި ދުޢާކުރައްވަމުންނެވެ.




