ދިފާއީ ދާއިރާއިން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީކޮށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދުގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯވ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. މިނިސްޓަރު ޙަސަން ރަޝީދު ވަނީ ރާއްޖޭގެ ދިފާޢީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް އިނގިރޭސިވިލާތުން ދެމުންދާ އެއްބާރުލުމާއި ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި އަސްކަރިއްޔާގެ ޤާބިލިއްޔަތުކަން އިތުރުކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒަކަށްވާއިރު، އިނގިރޭސިވިލާތަކީ މި ދާއިރާއިން ރާއްޖެއަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދޭ ޤައުމެކެވެ.
އެގޮތުން އިނގިރޭސި ސަރުކާރު ހިމެނޭހެން ދުނިޔޭގެ އެކި ޤައުމުތަކާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން އަންނަނީ ތަފާތު ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.




