އެލީޓް ރަނާސް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި“އެލައިޑް ހުޅުމާލެ ރަން“ ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.
މި ދުވުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދީ، ދުވުންތެރިންނާއި އާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ބޭއްވުނު ކުލަގަދަ ހަރަކާތެކެވެ.
ހުޅުމާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގައި ތަފާތު ހަތަރު ކެޓަގަރީއަކުން ދުވުންތެރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި 1 މޭލުގެ ފެމިލީ ރަން، 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި 21.1 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނެއެވެ. މި ކެޓަގަރީތަކުގައި އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެފައިވެއެވެ.
މި ދުވުމުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، އެލައިޑް އިންޝުއަރެންސްގެ ފަރާތުން ވަނީ ހުރިހާ ބައިވެރިންނަށް ”ކޮމްޕްލިމެންޓަރީގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވަރ” އެއް ފޯރުކޮށްދީފައެވެ. މި އިންޝުއަރެންސްގެ ދަށުން ދުވުމުގެ ތެރޭގައި ދިމާވާ ހާދިސާތަކަށް 100,000 ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި އޮތުމަކީ ދުވުންތެރިންނަށް ލިބުނު ބޮޑު އިތުބާރެކެވެ.
21.1 ކިލޯމީޓަރުގެ ހާފް މެރަތަންގެ ފިރިހެން ކެޓަގަރީން އެއްވަނަ މުހައްމަދު ޝިފާޒް ހޯދިއިރު، އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ޕެޗަރަޓް ޗްލާޑްޓޯއީ އެވެ. 10 ކިލޯމީޓަރުގެ ދުވުމުން ފިރިހެން އެއްވަނަ ހުސައިން ފަޒީލް ހޯދިއިރު، އަންހެން އެއްވަނަ ހޯދީ ކަންލަޔާ ސަންކޯ އެވެ. އަދި 5 ކިލޯމީޓަރުގެ ދުވުމުން އެއްވަނަ ހޯދީ އައިދު އަބްދުﷲ ރިފާއު އާއި ކްލާރާ ސަރީނާ އާސިފް އެވެ.
ދުވުން ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ގުރުއަތުން ހޮވުނު 10 ނަސީބުވެރިއަކަށް ކޮންމެ މީހަކަށް 2,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.
މި ހަރަކާތް ނިންމާލަމުން އެލައިޑް އިންޝުއަރެންސް އިން ވަނީ އެލީޓް ރަނާސް މޯލްޑިވްސް އާއި، ވޮލަންޓިއަރުން އަދި މިކަމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.




