ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މުލީއާގެއާއި ހިލާލީގޭގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ ވ.ކަނި، އާދަމް ޢަލީ ނިޔާވުމުން އޭނާގެ އާޢިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އާދަމް ޢަލީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މުލީއާގެއާއި ހިލާލީގޭގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ، ވަފާތެރިކަމާއެކު ވަޒީފާގެ ވާޖިބުތައް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.
އަދި އާދަމް ޢަލީ ޚިދުމަތް ކުރެއްވި ކޮންމެ ރައީސެއް އަދި ނައިބު ރައީސެއްގެ ލޯބިވެސް ހޯއްދެވި ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، 44 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތްތެރިޔާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށް އަދި އެކުގައި ވަޒީފާ އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
“މަރްޙޫމް އާދަމް ޢަލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ތާއަބަދު ލަހައްޓަވާށި! އާމީން.“ ރައީސް ވިދާޅުވިއެވެ.
ދަޢުލަތަށް 44 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އާދަމް ޢަލީއަށް ވަނީ، ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.
އާދަމް ޢަލީ ނިޔާވެފައިވަނީ، އުމުރުން 62 އަހަރުގައި ސްރީލަންކާގައެވެ.



