މިއަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ.
މިނިސްޓްރީގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދޫކުރި 718.2 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 45.7 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރުވެސް ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން ”ބްލޮކް ގްރާންޓް“ގެ ގޮތުގައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު އަންނަ އެންމެ ބޮޑު ބަދަލަކީ އަތޮޅު ކައުންސިލްތައް އުވިގެން ދިއުމެވެ. މީގެ ސަބަބުން ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލްތަކަށް ބަޖެޓުން ކުރާ ހޭދަ އިތުރުވާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިއީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.




