ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އެޤައުމަށް ފޮނުވާލުމަށް ނިންމައިފިއެވެ.
ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތުގެ 5 ޑައިވަރުން ގެއްލުނު ހާދިސާ ހިނގާފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިގަނޑުވެސް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެޤައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަޙްޤީގު ޓީމާއި ހިއްސާކުރާ ގޮތަށް ނިންމާފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރި މަސައްކަތުން މި ހަތަރު މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި މީހުންގެ ހަށިތައް ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ. މީގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިމަހުގެ 19 ގައި ނެގިއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑޭން ޔޫރަޕުން ބުނެފައިވަނީ، ތަޙުޤީޤަށް ބޭނުންވެދާނެ ހެކިތައް ހޯދުމަށާއި ކޭވް ތެރޭގައި ހުރި ސާމާނުތައް ނެގުމަށް އިއްޔެ އެންމެ ފަހު ޑައިވް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ޖުމްލަ 5 އިޓަލީ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޑައިވިންގ އިންސްޓްރަކްޓަރަކާއި 4 ޑައިވަރުންނެވެ. އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން ވަނީ ފެނިފައެވެ. ހިތާމަވެރި ގޮތެއްގައި، މި މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްވެސް ވަނީ ހާލު ދެރަވެ ނިޔާވެފައެވެ.
ހަށިތައް ހޯދުމުގެ މަސައްކަތުގައި އިޓަލީ ސަރުކާރުން ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ބައިވެރިވެފައިވެއެވެ.



