މިއަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ސަރުކާރު ބަންދުވި ނަމަވެސް، ޕާސްޕޯޓުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މާލެ އާއި އަތޮޅުތެރޭގެ އޮފީސްތަކުން ހިދުމަތް ދިނުމަށް ވަނީ ހާއްސަ ތާވަލެއް އެކުލަވާލާފައެވެ.
އިމިގްރޭޝަނުން ބުނީ، އަޟްހާ އީދު ދުވަސް ކަމަށްވާ މި މަހުގެ 27 ވާ ބުދަ ދުވަހު އިމިގްރޭޝަންގެ ހުރިހާ އޮފީސްތަކެއް ބަންދުވާނެ ކަމަށެވެ. ނަމަވެސް، އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ބޭނުންކުރާ ”އިމުގާ” ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިދާރާއިން ފާހަގަކުރައްވައެވެ.
ހުޅުމާލެ އާއި އައްޑޫ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ބައެއް އޮފީސްތަކުން (ކުޅުދުއްފުށި، ފުވައްމުލައް، ތިނަދޫ، ދިއްދޫ، ފޮނަދޫ، ފުނަދޫ، ކުޑަހުވަދޫ އަދި އޭދަފުށި) ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މި މަހުގެ 24 އިން 28 އަށް ދޭނީ ހެނދުނު 08:30 އިން ހަވީރު 16:00 އަށެވެ. އަދި 29 ވާ ހުކުރު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން 11:00 އަށެވެ.
އަތޮޅުތެރޭގެ ރަށްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް މި މަހުގެ 24 އަދި 25 ވަނަ ދުވަހު ނަންބަރު ދޫކުރާނެއެވެ. މި ދެ ދުވަހު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.
މީގެ އިތުރުން މެޑިކަލް އެމަރޖެންސީ ފަދަ ހާއްސަ ހާލަތްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން 955333 ނަންބަރަށް ގުޅުމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.




