މިއަހަރުގެ އަޟްހާ އީދު ބަންދާ ދިމާކޮށް ދަތުރުކުރާ ފަރާތްތަކުން ވަގުތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލުން ނެރުނު ނޯޓިސްގައި ބުނެފައިވަނީ، އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވީމާ މިއަދުން ފެށިގެން މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ވީއައިއޭއިން ފުރާ އެންމެހާ ދަތުރުވެރިން ވެސް ވަގުތަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެއާލައިންތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްތަކުގައި، ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވީއައިއޭގެ މުވައްޒަފުން އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.




