ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅުނު އިޓަލީ ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެން، އިޓަލީން ހިންގާ ޖިނާއީ ތަހުގީގުގެ ބޭނުމަށް އެ މީހުންގެ ތަކެތި ހިފަހައްޓައި، އިޓަލީއަށް ގެންގޮސްފިއެވެ.
މި މަހުގެ 14ވަނަ ދުވަހު ހިނގި ހިތާމަވެރި މި ހާދިސާގައި އެ ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރަކު ވަނީ މަރުވެފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ:
° މޮނިކާ މޮންޓެފަލްކޯން (51އ.)، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް
° ޖޯޖިއާ ސޮމާކަލް (20އ.)، މޮނިކާގެ އަންހެން ދަރިފުޅު އަދި އެ ޔުނިވަސިޓީގެ ދަރިވަރެއް
° މިއުރިއަލް އޮޑެނީނޯ (31އ.)، ޔުނިވަސިޓީގެ ދިރާސާވެރިއެއް
° ފެޑެރިކޯ ގުއަލްޓިއޭރީ (31އ.)، ޔުނިވަސިޓީގެ ދިރާސާވެރިއެއް
° ގިއަންލޫކާ ބެނެޑެޓީ (41އ.)، ޑައިވިން އިންސްޓްރަކްޓަރު
އިޓަލީގެ ޕްރޮސިކިއުޓަރުން މި މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރަމުން ދަނީ އިހުމާލުން މީހުންތަކެއް މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ދެކިގެންނެވެ.
އިނގިރޭސިވިލާތުގެ ”ޑައިވް މެގެޒިން“ އިން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި އިޓަލީގެ ތަހުގީގު ޓީމުން މިހާރު ވަނީ ފިންލެންޑްގެ ރެސްކިއު ޓީމުގެ ތަޖުރިބާކާރުންގެ ބަޔާންތައް ވެސް ނަގާފައެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކޮންމެވެސް ވަރަކަށް ސާފުވަމުން އަންނަ ކަމަށް ވެސް އެ މެގެޒިންގެ ލިޔުމުގައި ބުންޏެވެ.
އިޓަލީގެ ޖެނޯއާ ފްލައިން ސްކޮޑަކުން މިހާރު މަރުވި މީހުންގެ މޯބައިލް ފޯނާއި ކޮމްޕިއުޓަރާއި، ޓެބްލެޓް، ޔޫއެސްބީ ޑްރައިވް އަދި ހާޑް ޑްރައިވް ހިމެނޭހެން އެ މީހުންގެ ގިނަ އަދަދެއްގެ ތަކެތި ވަނީ ހިފަހައްޓައި، އިޓަލީއަށް ގެންގޮސްފައެވެ.
ޑައިވް މެގެޒިނުން ރިޕޯޓްކުރި ގޮތުގައި އެ ތަކެތި އިޓަލީއާ ހަމައަށް ގެންގޮސްދިނީ، ޖެނޯއާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް ޒޫލޮޖީ، ސްޓެފާނޯ ވެނިން އެވެ.
އިޓަލީގެ ނޫހެއް ކަމަށްވާ ކޮރިއޭ ޑެލާ ސެރާއިން ވެސް މިކަން ރިޕޯޓްކުރިއެވެ.
ކުރިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ވަނީ އެމްއެންޑީފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވެފަ އެވެ. މަހުދީ މަރުވުމުގައި އިހުމާލެއްވޭތޯ ބަލަން ދިވެހި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



