ދިވެހި ވަޠަނީ ހިދުމަތުގެ ދަރިވަރުންވެގެންދާނީ ގައުމަށް ޒިންމާދާރު ހިދުމަތެއް ފޯރުކޮށްދޭ ބަޔަކަށްކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ދިވެހި ވަޠަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މި ޕްރޮގްރާމަކީ މުސްތަޤުބަލަށް ފަންނުވެރި އަދި ޒިންމާދާރު ޒުވާނުން ބިނާ ކުރުމަށް ހިންގޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުން ބޭނުންވާ ދާއިރާއަކުން ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށާއި، މި މަސައްކަތުގެ ކާމިޔާބީ އަކީ ބެލެނިވެރިން ކުރައްވާ އިތުބާރު ކަމަށް ވެސް ވިދާޅުވިއެވެ.
”މުސްތަގުބަލުގައި ފަންނުވެރި އަދި ޒިންމާދާރު ހިދުމަތްތަކެއް ކޮށްދޭނެ ޒުވާނުންނަށް ވެގެންދާނެ. ގައުމަށް ފައިދާ ހުރި ރޮނގުތަކުން ކުރިއަށް ދިއުމަށް އިލްތިމާސް ކުރަން،“ މިނިސްޓަރު ވިދާޅުވިއެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުން މިއަދު 63 ބައިވެރިޔަކު ވަނީ ދަސްވެނިވެފަ އެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކުން ޖުމްލަ 65 ޒުވާނުން ބައިވެރިވިއިރު، މީގެ ތެރޭގައި ހިމެނެނީ ވަޠަނީ ހިދުމަތުގެ އިބްތިދާއީ ތަމްރީނު ނިންމި ފުރަތަމަ ބެޗުގެ ދަރިވަރުންނެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަންހިމެނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިންސާނުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ
މިއީ ޒުވާނުންގެ ކިބައިގައި މަސައްކަތުގެ އަޚުލާޤާއި ސުލޫކު އަށަގަންނުވައި، ޤައުމަށް ފައިދާހުރި ބަޔަކަށް ޒުވާނުން ހެދުމަށް ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތެކެވެ.



