މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރްޓީއައި އެޕްލިކޭޝަންތަކަށް މިހާރު ޖަވާބު ފޮނުވައި ނިމިފައިވާ ކަމަށް އެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، އިއްޔެއާ ހަމައަށް ރައީސް އޮފީހަށް ލިބިފައިވާ ހުރިހާ ހުށަހެޅުންތަކެއް ސާފުކޮށް، ޖަވާބުދީ ނިންމާލާފައިވާ ކަމަށެވެ.
ނަމަވެސް މީގެ ތެރޭގައި ޤައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަންކަމާ ގުޅޭ މައުލޫމާތުތައް ނުހިމެނޭނެ ކަމަށާއި، ޖަވާބު ނުދެވި ހުންނާނީ ހަމައެކަނި އެހެން ޤާނޫނުތަކުން ހިފަހައްޓާފައިވާ މައުލޫމާތުތައް އެކަނި ކަމަށް މުންދު ފާހަގަކުރެއްވިއެވެ.
މުންދު ވިދާޅުވީ، އަމިއްލަ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމަށް ރިއާޔަތްކޮށް، ހާމަކުރެވޭނީ ޤާނޫނީގޮތުން ދޫކުރެވެން ހުންނަ މަޢުލޫމާތުތައް އެކަނިތޯ ކަށަވަރު ކުރަންޖެހޭ ކަމަށެވެ. ރައީސް އޮފީހަށް ހުށަހެޅޭ ހުރިހާ އާރްޓީއައިތަކަށް ޖަވާބު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން، މީގެ ކުރިން މި އަހަރުގެ މޭ 11 ގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދެއްވާފައެވެ.
މުންދު އިތުރަށް ވިދާޅުވީ، ރައީސް އޮފީހުގެ އިތުރުން ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ވުޒާރާތަކުން ވެސް އާރްޓީއައިތަކަށް އަވަހަށް ޖަވާބުދީ ނިންމުމަށް ބާރުއަޅައި، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
”މަޢުލޫމާތު ހޯދުމުގެ ޤާނޫނުގެ ދަށުން ހަމައެކަނި އޮންނަނީ ސުވާލު ކުރުމެއް ނޫން. އިދާރާތަކުން އިސްނަގައިގެން މަޢުލޫމާތު އާންމުކުރުމަކީ ވެސް އޭގެ ބައެއް،“ މުންދު ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ ވެބްސައިޓްތަކުން ފަސޭހައިން މައުލޫމާތު ފެންނާނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން މަޢުލޫމާތު ހާމަކުރާ މިންވަރު އިތުރުވަމުންދާގޮތާއި، އެކަން ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ މަސައްކަތް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އާ ގުޅިގެން މޮނިޓަރ ކުރަމުންދާ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ އެންމެ ބޮޑު ސިޔާސަތަކީ ވީހާވެސް ދެފުށް ފެންނަ، ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް މަޢުލޫމާތު ލިބޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް މުންދު ފާހަގަކުރެއްވިއެވެ.



