މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލް މަޖީދު އަލީ އައްޔަން ކުރައްވައިފިއެވެ.
މަޖީދު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މަޖީދަކީ މީގެ ކުރިންވެސް ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ފޯރުކޮށްދޭ ރެޖިސްޓާޑް އޮޑިޓް ކުންފުންޏެއް ކަމަށްވާ އޮޕްޓިމޯރް އެލްއެލްޕީގެ މެނޭޖިން ޑައިރެކްޓަރެވެ.
ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ބޮޑު ތަޖުރިބާއެއް ހާސިލްކުރައްވާފައިވާ މަޖީދު ވަނީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ބޭންކް އޮފް ސިލޯންގައިވެސް މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެންބަރުކަމާއި، އެ އޮތޯރިޓީގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ މެންބަރުކަންވެސް މަޖީދު ވަނީ ފުރުއްވާފައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، މަޖީދު ވަނީ ވޭލްސްގެ ކާޑިފް ޔުނިވާސިޓީން މާސްޓާ އޮފް ސައިންސް އިން އިންޓަނޭޝަނަލް އިކޮނޮމިކްސް، ބޭންކިންގް އެންޑް ފައިނޭންސް ހާސިލް ކުރައްވާފައެވެ.



