ރާއްޖޭގައި ޓެކްނިކަލް ޑައިވިން ނުވަތަ ޓެކްރެކް ޑައިވިންއަށް ހުއްދަ ދިނުމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ޓެކްނިކަލް ޑައިވިންއާ ގުޅޭ ހާއްސަ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި، އެފަދަ ގާނޫނެއް ވުޖޫދުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.
މި މަޝްވަރާތައް ފަށާފައި މިވަނީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއަށް ފީނި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
”ޓެކްރެކް ޑައިވިންގެ ގާނޫނެއް ހެދުމާ މެދު އިނީޝަލް ފުރަތަމަ ޑިސްކަޝަން އެބަ ހިނގާ. އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ދެންނެވިހެން ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަންތަކެއްގެ ތެރެއިން ގޮސް އަޅުގަނޑުމެންގެ ރާއްޖޭގައި ޓެކްރެކް ޑައިވިން ގާނޫނެއް ވުޖޫދުވެގެން އައިސް އޭގެ ތެރެއިން ގަވާއިދުތަކެއް ހެދޭނެ ދުވަހެއް މާލަހެއް ނުވާނެ ކަމަށް މި ބަލަނީ އިރާދަކުރެއްވިއްޔާ،“ މުންދު ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޓެކްރެކް ޑައިވަރުންނަކީ ހާއްސަ ގިއާ ބޭނުންކޮށްގެން ވަރަށް މަތީ ފެންވަރުގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. އެހެންކަމުން ހަރުދަނާ ގަވާއިދުތަކެއްގެ ދަށުން މިކަން ރެގިއުލޭޓް ކުރެވުމުން، ރާއްޖޭގެ ކަނޑުގެ ދިރާސާތައް ކުރަން އަންނަ ފަރާތްތަކަށާއި ޓެކްނިކަލް ޑައިވަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގައި މިހާރު އާންމުކޮށް ފީނަން ހުއްދަ އޮންނަނީ 30 މީޓަރުގެ ފުން މިނަށެވެ. ނަމަވެސް މިމަހުގެ 14 ވަނަ ދުވަހު ހިނގި ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން މަރުވެފައިވަނީ ގާތްގަނޑަކަށް 200 ފޫޓު ފުން ހޮހަޅައެއްގެ ތެރޭގައެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފައެވެ.
ޓެކްނިކަލް ޑައިވިންއަކީ އާދައިގެ ޑައިވިންއާ ހިލާފަށް، ހާއްސަ ތަމްރީނާއި ސާމާނު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކަމަކަށް ވާއިރު، މިކަމަށް ގާނޫނީ ހުއްދަ ދިނުމުގައި ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށް ސަރުކާރުން ބުނެއެވެ.



