އިސްލާމީ ބޭންކިން ދާއިރާއަށް ޚާއްސަ އެވޯޑު (އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންސްގެ ޗެމްޕިއަންކަމުގެ އެވޯޑު) މޯލްޑިވްސް އިސްލާމިކް ބޭންކަށް ލިބިއްޖެއެވެ.
މި އެވޯޑަކީ ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް، ސީއެފްއައި.ކޯ އިން ދޭ އެވޯޑެކެވެ.
އެމްއައިބީއަށް ލިބިފައިވަނީ ”ޗެމްޕިއަން އޮފް އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026“ އެވޯޑެވެ. މިއީ އިސްލާމީ ބޭންކިންގގެ ދާއިރާގައި އެމްއައިބީން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ހޯދަމުންދާ މާލީ ކާމިޔާބީތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދީފައިވާ އެވޯޑެއް ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.
މި އެވޯޑު ދިނުމުގައި ސީއެފްއައި.ކޯ އިން ވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ އެކުވެސް، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އެމްއައިބީން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށްފައެވެ. އެގޮތުން ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ހިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ މަގު ފަހިކޮށްދީ، އަތޮޅުތަކަށް ހިދުމަތް ފުޅާކުރުމުގައި ބޭންކުން ދައްކުވައިދީފައިވާ ނަމޫނާ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް އެމްއައިބީގައި ގާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި، ޝަރީޢާގެ ހަމަތަކަށް ފުރިހަމައަށް ތަބާވާ ބޯޑު ފެންވަރުގެ ވަރުގަދަ ނިޒާމުތަކަށްވެސް މި އެވޯޑު ދިނުމުގައި ރިއާޔަތްކޮށްފައިވެއެވެ.
އެމްއައިބީން ބުނާ ގޮތުގައި އެ ބޭންކުގެ ސްޓްރެޓެޖީ ބިނާވެފައި ވަނީ ޑިޖިޓަލް އީޖާދާއި ސީދާ ބޭންކިން ހިދުމަތް އެއް އޮޕަރޭޓިން މޮޑެލެއްގެ ދަށުން ގުޅުވާލަދޭ ވަރުގަދަ އޮނިގަނޑެއްގެ މައްޗަށެވެ.
ބޭންކުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ބޭންކުގެ ޖުމުލަ އެސެޓް ވަނީ 16.63 ބިލިޔަން ރުފިޔާއަށް އަރާފައެވެ.
ބައިނަލްއަގުވާމީ މި ކާމިޔާބީއާއެކު، އެމްއައިބީން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އާބާދީ ބޮޑު ރަށްރަށުގައި އިތުރު ބްރާންޗުތަކާއި އޭޓީއެމްތައް ގާއިމްކުރުމުގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށްދާކަން އެ ބޭންކުން ފާހަގަކުރެއެވެ.


