މި އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް، ދިވެހިރާއްޖޭގެ އީދުގެ ފޯރިއާއި، ކުލަގަދަ ސަޤާފީ ހަރަކާތްތައް ދުނިޔެއަށް ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ތައްޔާރުވެއްޖެއެވެ.
މެއި މަހުގެ 26 އިން 30 ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތައް ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވެބްސައިޓް މެދުވެރިކޮށް ބައިނަލްއަޤުވާމީ މުޖުތަމައަށް ގެނެސްދޭނެއެވެ.
މި ހަރަކާތްތައް ކަވަރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްގެ ބޮޑު ޓީމެއް ރ. މީދޫގައި ހަރަކާތްތެރިވަމުންދާނެއެވެ. ވީއެމްސީން ވިދާޅުވީ މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ތަނެއްގެ އިތުރުން، މުއްސަނދި ސަޤާފަތަކާއި އަމިއްލަވަންތަ އާދަކާދަތަކެއް އޮތް ޤައުމެއްކަން ހާމަކޮށްދިނުން ކަމަށެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކަވަރޭޖުގައި ރަށުގެ ޢީދު ފޯރިއާއި، އާދަކާދަތައް ވީޑިއޯ ރިޕޯޓްތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކުގެ އެހީގައި ގެނެސްދޭނެއެވެ.
މި ހަރަކާތުގެ ތެރެއިން ވެދުމާ ދިއުން، ބޮޑުމަސް ބޭނުން، މާލި އަދި ކޯޑި ކެނޑުން ފަދަ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ސަޤާފީ ކުޅިވަރުތައް ދައްކާލާނެއެވެ. މީގެ އިތުރުން ރ. މީދޫއަށް ޚާއްޞަ ޢީދު ހަރަކާތްތައްވެސް މި ކަވަރޭޖުގެ ތެރެއިން ހިއްސާކުރާނެއެވެ. މިއީ ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި މުޖުތަމައުގެ ބަދަހިކަން ދައްކުވައިދީ، ފަތުރުވެރިކަމުގެ ތަޖުރިބާއާއި ދިވެހި ސަޤާފަތް ގުޅުވާލުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
ވީއެމްސީން ބުނީ ދުވަހުން ދުވަހަށް ގެނެސްދޭ ކަވަރޭޖަށްފަހު، މީދޫގެ ޢީދު ހަރަކާތްތަކާ ގުޅޭ ޚާއްޞަ ޑޮކިއުމެންޓަރީތަކާއި އިންޓަވިއުތައް ޖޫން މަހުން ފެށިގެން ވިޒިޓް މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލުން ފެންނާނެ ކަމަށެވެ.
މި ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖޭގެ ދިރިހުރި ސަޤާފަތާއި އާދަކާދަތައް ދައްކާލުމަކީ ރާއްޖެ އިޝްތިހާރު ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
”ރާއްޖެއަކީ ހަމައެކަނި ޤުދުރަތީ ރީތިކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ސަޤާފީ އަމިއްލަވަންތަކަން ދަމަހައްޓާ ރައްޔިތުންނާއި، އެކުވެރި މުޖުތަމަޢުތަކެއް ވެސް އެކުލެވިގެންވާ ތަނެއް. މި ކެމްޕޭނުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންނަށް ދިވެހި ޢީދުގެ ހަޤީޤީ އުފަލާއި، ފަންނުވެރިކަމާއި، މެހެމާނުދާރީ އިހުސާސް ކުރެވޭނެ،“ ޝިއުރީ ވިދާޅުވިއެވެ.
ޝިއުރީ ވަނީ ރ. މީދޫ ކައުންސިލާއި، އެރަށުގެ ހުޅަނގު އަދި އިރުމަތީ އަވަށުގެ ޓީމުތަކުން މި ހަރަކާތް ރޭވުމުގައި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.



