ޢީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރަމުންދާތީ، ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބެލުމަށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އެމްއެންޑީއެފްއިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރަކާ ދިމާކޮށް ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ޓީވީއެމްގެ ”ހެނދުނުހެނދުނާ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޯސްޓްގާޑުގެ ސްކޮޑްރަން ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފައިޒާން ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެމްއެންޑީއެފްގެ ގިނަ އުޅަނދުތަކެއް ޑިޕްލޮއިކޮށްފައިވާ ކަމަށެވެ. އަދި ވީހާވެސް ގިނަ އުޅަނދުތަކެއް ޗެކްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންގެ އޮޕަރޭޝަންގައި ބަލަނީ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ވަޞީލަތްތައް ހުރީ އެކްސްޕަޔަރވެފައިތޯ ބެލުމާއި، އެހުރިނެތްގޮތް ބެލުން. އެމްއެންޑީއެފްގެ ވަރަށް ގިނަ އުޅަނދުތައް ޑިޕްލޮއިކޮށްފައިވާނެ މިހާރު އެކި ސަރަޙައްދުތަކަށް،“ލެފްޓިނެންޓް ކާނަލް އަޙްމަދު ފައިޒާން ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ވަނީ ޢީދު ޗުއްޓީގައި މޫދު ކުޅިވަރުތަކަށްދާ ފަރާތްތަކުންނާއި އާއިލާތަކުންވެސް ސަލާމަތީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ވަކިން ޚާއްސަކޮށް، ކުޑަކުދިން ގޮނޑުދޮށަށް ގެންދާއިރު އެކުދިންގެ ސަލާމަތަށް ވިސްނުމަށާއި، ކަނޑުދަތުރުކުރާއިރު ލައިފްޖެކެޓު ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، މުދާ އުފުލާ އުޅަނދުތަކުންވެސް މިދުވަސްވަރު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ. ގިނަ އުޅަނދުތަކުގައި ކެޕްޓެންގެ އިތުރުން ބިދޭސީން ތިބޭއިރު، ރޭގަނޑު ދޯނީގެ ހުންގާނު އެމީހުންނަށް ދޫކޮށްލުމުގެ ސަބަބުން ފަރަށް އެރުމުގެ ޙާދިސާތައް ހިނގާކަން އެމްއެންޑީއެފްއިން ފާހަގަކުރެއެވެ.
މޫސުން ގޯސްކޮށް އޮންނަ ދުވަސްވަރުތަކުގައި ރޭގަނޑު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ދަތުރުކުރާއިރު މޫސުމަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.



