ސަޢުދީޢަރަބިއްޔާގެ މައްކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިޢުލާންކޮށްފިއެވެ.
މި މުބާރާތަކީ ސަޢުދީ ޢަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 46 ވަނަ ”ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން“ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާއިރު، މުބާރާތުގެ ދެ ކެޓެގަރީއަކުން އަންހެން އަދި ފިރިހެން ބައިވެރިން ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 25 އަހަރު ފުރިފައިނުވާ މީހަކަށްވުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމާއި، މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭ ކެޓެގަރީތަކުގެ ތެރޭގައި މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން ހިމެނެއެވެ. މި ބައިގައި ބައިވެރިވެވޭނީ ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ، އަދި ތަޖުވީދުގެ ޙުކުމްތަކާއެކު ފަރިތަކޮށް ކިޔަވަން އެނގޭ ފަރާތްތަކަށެވެ. ދެވަނަ ކެޓެގަރީއަކީ ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބައެވެ. މި ބައިގައި ބައިވެރިވެވޭނީ 15 ފޮތް ތަރުތީބުން ހިތުން ދަސްކޮށްފައިވާ ފަރާތްތަކަށެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މުބާރާތަށް ބައިވެރިން ހޮވާނީ ކުރިމަތިލާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. އަދި ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު ހޮވިއްޖެނަމަ، އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 3 ވަނަ ދުވަހެވެ.




