އުރީދޫ މޯލްޑިވްސްއިން އަންނަނީ އުރީދޫ އެއާ ފައިބަރު މެދުވެރިކޮށް، ރާއްޖޭގެ ގޭބިސީތަކާއި ވިޔަފާރިތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އާ އުސްމިންތަކެއް ހާސިލްކުރަމުންނެވެ.
ފަސޭހަކަމާއި، ހަލުވިކަމާއި، އަދި ފްލެކްސިބިލިޓީއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ އެއާ ފައިބަރަކީ، ކުރިން ބޭނުންކުރަމުން އައި އިންޓަނެޓްގެ ވަސީލަތްތަކުގައި ހުންނަ ދަތިތަކާއި ލަސްތަކާ ނުލައި، ވަގުތުން ހައި-ޕާފޯމަންސް ވައިފައި ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ހައްލެވެ.
އުރީދޫއިން ބުނިގޮތުގައި، ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތްކުރި އެފްޑީސީ ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް މި ހިދުމަތަކީ ވަރަށް ބޮޑު ލުޔެކެވެ. އެފަދަ ތަންތަނުގައި ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓްގެ ހިދުމަތް ލިބުން މުހިންމެވެ. އުރީދޫ އެއާ ފައިބަރުގެ އެހީގައި، އާ ގެތަކަށް ބަދަލުވާ ފަރާތްތަކަށް ވަގުތުން އިންޓަނެޓްގެ ހިދުމަތް ލިބި، ދިރިއުޅުން ފަސޭހަވެގެންދެއެވެ. ގޭގައި އޮފީސް މަސައްކަތް ކުރުމަށާއި، ސްމާޓް ޑިވައިސްތައް ގުޅުމަށާއި، އަދި އާއިލާއާ ގުޅުން ބަދަހިކޮށް ބެހެއްޓުމަށް އެއާ ފައިބަރުން ދާއިމީ ގުޅުމެއް ކަށަވަރުކޮށްދެއެވެ.
އުރީދޫއިން ބުނީ، އެ ކުންފުނީގެ ކުރިއަރާފައިވާ 5ޖީ ނެޓްވޯކް މެދުވެރިކޮށް 100 އެމްބީޕީއެސްއިން ފެށިގެން މަތީ ސްޕީޑްތަކުގައި ލިބޭ މި ހިދުމަތަކީ، މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ބޭނުންވާ ފުރިހަމަ ހައްލެއް ކަމަށެވެ. ހައި ޑެފިނިޝަންގައި ވީޑިއޯ ބެލުމަށާއި، އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުމަށާއި، ތައުލީމީ ޕްލެޓްފޯމްތައް ބޭނުންކުރުމަށް އަދި ގޭމިން ފަދަ ކަންކަމަށް މި ހިދުމަތް ވަރަށް ފުރިހަމަ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އުރީދޫއިން ބުނިގޮތުގައި، އެއްފަހަރާ އެތައް ޑިވައިސްއެއް ގުޅައިގެން މެދުކެނޑުމެއްނެތި މި ހިދުމަތް ބޭނުން ކުރެވޭނެއެވެ.
އެއާ ފައިބަރ ފާހަގަކުރެވެނީ އޭގެ ފްލެކްސިބިލިޓީއާއި އަގުގެ ގޮތުން ލިބޭ ފައިދާތަކުންނެވެ. އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކާއި ހިލޭ ލިބޭ ޑިވައިސްއާއެކު، ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ހައި-ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބޭނެއެވެ. އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންނަށް ދިރިއުޅުމުގެ ކަންކަމާއި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ޒަމާނީ ހައްލުތައް ފޯރުކޮށްދިނުމަށެވެ.
އެއަރ ފައިބަރގެ ޚިދުމަތަށް އެދުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/air މެދުވެރިކޮށް ހުށަހެޅޭނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.




