ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހާ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން މިނިސްޓްރީން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު މިކަން ހާމަކުރެއްވީ، މާލޭގެ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް ހެދުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ އެންގުމެއް މިނިސްޓްރީން އެއްވެސް އިރަކު އަންގާފައި ނުވާނެ ކަމަށެވެ.
މާލެ ސަރަޙައްދުގައި ބައެއް މިސްކިތްތައް ހުންނަނީ ވަރަށް ކައިރި ކައިރީގަ އެވެ. ބައެއް މިސްކިތްތަކުން ނަމާދު ގަޑީގައި ވަރަށް ބާރަށް އަޑު އިވޭ ގޮތަށް ހަދާފައި ހުރެ އެވެ.
އެކަމުގެ ސަބަބުން ޖެހިގެން ހުންނަ މިސްކިތުގެ ޖަމާޢަތަށް ދަތިވެ އެވެ. އެފަދަ ކަންކަން އިސްލާޙު ކުރުމަށް މިނިސްޓްރީން އަންގަ އެވެ.



