ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %26 އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމެވެ.
އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 136،459 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 107،544 ފަތުރުވެރިންނާ އަޅާ ބަލާއިރު %26 އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ 3 ހަފުތާތެރޭގައި އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތަށް މަޑުޖެހުނެވެ. ލިސްޓުގެ 6 ވަނަ ޗައިނާ ޖެހިލުމަށްފަހު، ފެބުރުވަރީމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެޤައުމަކީ އަނެއްކާވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ޤައުމެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތައް:
ޗައިނާ: 136،459 ފަތުރުވެރިން
ރަޝިއާ: 117،052 ފަތުރުވެރިން
އިނގިރޭސިވިލާތް: 76،339 ފަތުރުވެރިން
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 886،545 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 935،420 ފަތުރުވެރިންނާއަޅާ ބަލާއިރު %5.2 ދަށް އަދަދެކެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ 3 އެއާޕޯޓު:
* ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: 861،674 ފަތުރުވެރިން
* ގަން އިންޓަނޭޝަނަލް އެއާޕޯޓް: 3،617 ފަތުރުވެރިން
* މާފަރު އިންޓަނޭޝަނަލް އެއާޕޯޓް: 3،145 ފަތުރުވެރިން



