އަޟްހާ އީދުގެ ބަންދާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތަކުން މަސް ގަތުން މެދުކަނޑާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން ވިދާޅުވި ގޮތުގައި އީދު ބަންދަށްފަހު އަލުން މަސް ގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ، އީދު ބަންދުގެ ތެރޭގައި ހިމެނޭ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ ކުންފުނީގެ އެއްވެސް ފެސިލިޓީއަކުން ނުވަތަ ބޯޓަކުން މަސް ނުގަންނާނެ ކަމަށެވެ. މީގެ އިތުރުން، މި ދުވަސްތަކުގައި އެ ކުންފުނީގެ ސެންޓަރުތަކުންނާއި އައިސް ޕްލާންޓުތަކުން އައިސް ވިއްކުމުގެ ހިދުމަތްވެސް މެދުކަނޑާލާފައިވާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މިފްކޯއިން އިތުރަށް ވިދާޅުވީ، އީދު ބަންދަށްފަހު ދެން ޖެހޭ ހުކުރު ދުވަހަކީ އާންމުކޮށްވެސް އެ ކުންފުނިން މަސް ނުގަންނަ ދުވަހެއް ކަމަށެވެ.
އެހެންކަމުން، އެ ކުންފުނީގެ ފެސިލިޓީތަކާއި އައިސް ޕްލާންޓްތައް ހުޅުވައި، އާންމު އުސޫލުން ހިދުމަތް ދޭން ފަށާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.



